English Edition
Dhivehi Edition
އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ލާމަރުކަޒީ ގާނޫނުގެ ދަށުން ހެދިފައިވާ ކައުންސިލެއްގައި ސަރުކާރާ އިދިކޮޅު ޕާޓީއެއްގައި ތިބެމެ، ކާމިޔާބު ކަމާއެކު ދައުރެއް ފުރިހަމަކުރުމަކީ ކޮންމެކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ވަކިން ޚާއްޞަކޮށް ރައްޔިތުންގެ ލޯތްބާއި ރުހުމާއެކު، ލަފުގައި ކުށެއް ނުވަތަ ލައްގަނޑެއް ވިޔަސް ނުޖެހި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަކީ ބުރަކަމެކެވެ.

އައްޑޫސިޓީ ކައުންސިލް ގައި 2014 ވަނަ އަހަރުން ފެށިގެން ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަވައި އަދި ދެވަނަ ދައުރަކަށް ހޮވި މިހާރުގެ ޑެޕިޔުޓީ މޭޔަރުގެ މަގާމު ފުރުއްވަވަމުން ގެންދަވާ މުޙައްމަދު ޔަސްރިފަކީ ކައުންސިލް މެމްބަރުންގެ ތެރެއިން ތަފާތު މެމްބަރެކެވެ. ދާއިރާގެ ރައްޔިތުންނާ ގުޅުން ބަދަހި، ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވާ، ރަށުގެ ތަރައްގީ އާއި ކުރިއެރުމުގައި ރައްޔިތުންނާ އެއްސަފެއްގައި މަސައްކަތް ކުރައްވަވާ އުޅުއްވަވާ އިޖުތިމާއީ ބޭފުޅެކެވެ. ރަށުގެ ތައުލީމީ ހާލަތު، ހުރި ހަރުފަތުން މަތީ ފަޑިއަކަށް ގެންދެވުމަށް ބުރަކޮށް މަސައްކަތް ކުރައްވަވާ އިލްމީ ބޭފުޅެކެވެ. ވަޒީފާ އަދާކުރައްވަވަމުން، ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތް ކުރައްވަވަމުން އަމިއްލައަށް އުނގެނި އަދި އެހެންމީހުންނަށް އުނގަންނައި ދެއްވުމުގެ ބުރަ މަސައްކަތް ކުރައްވަވާ މުދައްރިސެކެވެ. ދާއިރާއާއި ރަށުގެ ތަރައްގީގައި ކައުންސިލްގެ ހުރިހާ މެމްބަރުންގެ ތެރެއިން ވެސް ޔަސްރިފް ތަފާތުވާ ސަބަބުތަކަކީ މިއީއެވެ.

ލާމަރުކަޒީ ބަންދުން މިނިވަންވެ، ގާނޫނަށް ގެނައި ބަދަލުތަކާއެކު ކައުންސިލަށް ބާރުލިބި ޒިންމާތައް ހަވާލުވެ ރަށާއި ސިޓީގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތް ކުރެވޭނެ މަގު ފަހިވެފައިވާ އިރު ކުރިއަށް އޮތް ކައުންސިލްގައި މަސައްކަތް ކުރުމަކީ ޔަސްރިފް ކުރިއަށް ދެކިލައްވަވާ ހުވަފެނެކެވެ. ލާމަރުކަޒީ ނިޒާމުގެ ދަށުން ގިނަ ބާރު ތަކަކާއި ގިނަ ޒިންމާ ތަކަކާއެކު ކައުންސިލްގެ ޕްލޭންތައް ހެދި އަދި ރައީސުލް ޖުމުހޫރިއްޔާގެ ވައުދުނާމާގެ ތެރެއިން އައްޑޫ ތަރައްގީ ކުރުމަށް ހެދިފައިވާ ޑިވެލޮޕްމަންޓް ޕްލޭންގައި މަސައްކަތް ކޮށް އެކަންތައްތަކަށްއަމަލީ ސިފަ ގެނައުމުގެ މަރުހަލާގައި އިތުރު ފުރުސަތެއް ލިބިގެން ދިއުމަކީ ޔަސްރިފް ބޭނުންވެލައްވަވާ ގޮތެވެ. އެމަސައްކަތް އެންމެ ރަނގަޅަށް ކުރެވޭނެ އެއްކައުންސިލަރަކީ ޔަސްރިފް ކަމުގެ ހެކި ފާއިތުވި ތަނުގައި ޔަސްރިފް ވަނީ ދައްކުވައިދެއްވަވާފައެވެ.

2014 ވަނަ އަހަރު ފުރަތަމަ ފަހަރަށް ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރެއްގެ ގޮތުގައި އިންތިޚާބުވި ހިސާބުން ފެށިގެން ޔަސްރިފް ގެންދެވީ ދާއިރާއަށް ބޭނުންވާ ތަރައްގީ ހޯދައިދެވޭތޯއެވެ. ރައްޔިތުން ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ ބަލައި ރައްޔިތުންގެ މުހުތާދުތައް ފުއްދައިދެވޭތޯ އެވެ. އެގޮތުން ޔަސްރިފް ކުރެއްވެވި މަސައްކަތްތަކުން ހިތަދޫ ދެކުނު ދާއިރާގައި ފުރަތަމަ ފަހަރަށް ކުޑަކުދިންނަށް ޚާއްޞަ ޕާކެއް ހެދުން ހިމެނެއެވެ. ހަމަ އެއާއެކު އެ ޕާކާއި ޖެހިގެން އައުޓްޑޯ ޖިމްސެޓެއް ބަހައްޓައި ކަސްރަތު ކުރުމަށް ބޭނުންވާ އެތައްބަޔަކަށް އެތަކެތީގެ ބޭނުން ކުރެވޭނެ ގޮތް ފަހިވުން ވެސް ހިމެނެއެވެ. މީގެ އިތުރުން، ދެކުނު ދާއިރާގެ މަނިކު ދަނޑުގައި ވަށައިގެން ފެންސް ޖަހައި ލައިޓް ހަރުކޮށް ޒުވާނުންނަށް ކުޅެވޭނެ ގޮތް ހަމަޖައްސައި ދެއްވެވީ ޔަސްރިފެވެ. ނަތީޖާއެއްގެ ގޮތުން މިހާރު އެތަނުގައި ދެޖިންސްގެ ޒުވާނުން ތަފާތު މުބާރާތް ބާއްވައި ޕްރެކްޓިސް ކުރުމަށް ފަސޭހަވެގެން ދިޔައެވެ. ކުރިން މަގު ބައްތި ޖަހާފައިނުވާ އެތައް މަގެއްގައި މަގު ބައްތި ޖެހުމުގެ އިތުރުން ހިތަދޫގައި އޮންނަ ފަތާ ސަރަހައްދު ސާފުކުރުވައި އެ ސަރަހައްދުގައި ކުނި އަޅާނެ ޑަސްބިންތައް ބެހެއްޓުމާއި އެތަނުގައި ފެންވަރާނެ ސާފު ފެން ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ވެސް ކައުންސިލްގެ ތެރެއިން ޔަސްރިފް ކޮށްދެއްވެވި ފާހަގަ ކުރެވޭ ކަންތައްތަކެވެ.

“ސަރުކާރަކުން ޚަރަދު ކޮށްގެން މިވީތަނަށް ހެދި ބަށިކޯޓު އޮންނާނީ ހިތަދޫ ދެކުނު ދާއިރާގައި. ހަމަ އެއާއެކު މާކިޅި ކައިރީގައި ހަދާފައިވާ މައިޒާނަކީ ބިމުގެ ބާރުތައް ކައުންސިލް އަތުން ނެގިފައި އޮތް ދުވަސްވަރެއްގައި ހިކުމަތްތެރިކަމާއެކު މަސައްކަތް ކޮށް ހެދުނު ތަނެއް. ރައްޔިތުން ބޭނުންވެގެން އެކަމަކަށް ހުށަހެޅި ކޮންމެ ކަމެއް ވެވެން އޮތް މިންވަރަކުން ކޮށްދެވޭތޯ ބަލައި ރައްޔިތުންގެ އަޑު ގާތުން އަހަމުން އަބަދުވެސް ދިޔައިން” ޔަސްރިފް ވިދާޅުވިއެވެ.

އޭރުއޮތް ޕީޕީއެމްގެ ސަރުކާރުން ގިނަ ފިއްތުން ތަކެއް ކުރިމަތި ކުރުވައި ކައުންސިލްގެ ބާރުތައް ނަގާފައިވާ ދުވަސްވަރުވެސް ގިނަ ގޮންޖެހުންތަކަކާއެކު ރައްޔިތުންގެ އަޑު އައްސަވައި ރައްޔިތުން ބޭނުންވާ ކަންތައްތައް ކައުންސިލްގެ ތެރެއިން ކޮށްދެވޭތޯ ޔަސްރިފް ވަނީ ބުރަކޮށް މަސައްކަތް ކުރައްވަވާފައެވެ.

“މި ދެދައުރުގައި ހާސިލްވި ވަރަށް ބޮޑު އެޗީވްމެންޓެއް، ދޫނުކޮށް ހުރި ގިނަ ގޯތި ތަކެއް ދޫކުރަން ފެށުން. ހަވާލު ނުކުރެވި ގިނަ އަހަރުތަކެއް ވެފައިވި ގޯތި ތަކެއް ދޫކުރުމަށް ފަށައި މިހާރު ވާނީ ގިނަ ގޯތި ތަކެއް ހަވާލުކުރެވިފައި” ޔަސްރިފް ގެ މަސައްކަތް ތަކާ ބެހޭގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން އޭނާ ވިދާޅުވިއެވެ.

އައްޑޫގެ ރައްޔިތުންނާ މަޝްވަރާކޮށް ކައުންސިލާއި އައްޑޫ ރައްޔިތުން ގުޅިގެން ހަދާފައިވާ އައްޑޫގެ ޑިވެލޮޕްމަންޓް ޕްލޭން ހެދުމުގައި އެންމެ އިސްކޮށް އުޅުއްވެވި އެއް ބޭފުޅަކީ ޔަސްރިފެވެ.

“އައްޑޫގެ ތަރައްގީގެ ޕްލޭންގައިވާނީ އައްޑޫއަށް ބޭނުންވާ ދެމެހެއްޓެނިވި ތަރައްގީ. އައްޑޫ ވައުދުނާމާ ތައްޔާރުކޮށްފައިވާނީ މި ޕްލޭނަށް ބަލައިގެން. އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯ އެކުލަވާލުމުގައި އައްޑޫވައުދުނާމާގައި ހިމަނަން ބޭނުންވާ ކަންތައްތަކަކީ ކޮބައިތޯ އެއްސެވުމުން އައްޑޫ ޑިވެލޮޕްމަންޓް ޕްލޭންގައި ހުރި ކަންކަން އޭގައި ހިމަނާފައި ހުންނާނެ. އެގޮތުން އެންމެ އިސް ކަމެއް ދީފައިވާނީ އައްޑޫން ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުކުރުމަށް އައްޑޫގެ ޓޫރިސްޓު އެނދު އިތުރު ކުރުން. ވިއްސާރަ މޫސުމުގައި އައްޑޫގައި ފެން ބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފެންހިންދާ ނިޒާމް ޤާއިމު ކުރުމާއި ރަނގަޅުފެންވަރަށް އައްޑޫ މަގުތައް ހެދުން ހިމަނާފައި އޮންނާނެ. އައްޑޫ ރައްޔަތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، އެހެނިހެން ބޭނުންތަކަށް ބޭނުންވާ ބިމުގެ އިތުރަށް ފަޅުތެރޭ ހިއްކާ ރިސޯޓު ރަށްތައް ހިމެނޭ ގޮތަށް އައްޑޫ ބިން ހިއްކުން ހިމެނިފައި އޮންނާނެ. ޑްރެއިނޭޖް ސިސްޓަމް ބެހެއްޓުމާއި އެކު އައްޑޫގެ މަގުހެދުމަށް ބޭނުންވާ ޓޮޕޮގުރަފީ ސާރވޭގެ މަސައްކަތް މިހާރު އެދަނީ ކުރިޔަށް. އައްޑޫގެ ގިނަ މަގުތަކެއްގައި ތާރު އެޅި ރަނގަޅު ފެންވަރަކަށް ހެދިގެންދާނެ. އަދި އައްޑޫ ޑިވެލޮޕްމަންޓު ޕުރޮޖެކްޓުގައި ހުރި ގިނަ ކަންކަމަށް ސަރުކާރުން ގެންދަވަނީ ފައިނޭންސް ހަމަޖައްސަވަމުން. ” ޔަސްރިފް ވިދާޅުވިއެވެ.

އައްޑޫސިޓީ ކައުންސިލަކީ ނިމިގެން ދިޔަ ޕީޕީއެމްގެ ސަރުކާރާއި އިދިކޮޅު ކައުންސިލެއް ކަމަށާއި އައްޑޫއަށް ތަރައްގީ ނުގެނެވުނީ ކައުންސިލުން ސަރުކާރަށް އެއްބާރުލުން ދޭން ބޭނުންނުވެގެން ކަމަށް ދައްކާވާހަކަތަކަށް ރައްދު ދެއްވަވަމުން ޔަސްރިފް ވިދާޅުވީ ސަރުކާރުގެ ރަސްމީ ދަތުރުފުޅެއްގައި ރައީސް އަދި ވަޒީރަކުވެސް އައްޑޫއަށް ވަޑައިގެންނެވިއްޔާ ބައްދަލުނުކުރައްވަވާ ދަތުރެއް ނޯންނާނެ ކަމަށެވެ. އަދި އައްޑޫގެ ރައްޔިތުންގެ އަޑު އެފަރާތްތަކާ ހަމައަށް ފޯރުކޮށް ދިނުމުގައި ބުރަ މަސައްކަތް ތަކެއް ކުރެވުނު ކަމަށެވެ. ނަމަވެސް ސަރުކާރުގެ ފަރާތުން އޭރު އައި ތަފާތު ބިރު ދެއްކުން ތަކާއި ޕާޓީ ބަދަލުކުރުމަށާއި ނުވަތަ ކައުންސިލް އުވާލާނެ ކަމަށް ބުނެ އައި އިންޒާރު ތަކާއި ކައުންސިލަށް ކުރިމަތި ކުރުވި ތަފާތު ފިއްތުން ތަކާއެކުވެސް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް ސާބިތު ކަމާއެކު ދެމިހުރެވުނުކަން ޔަސްރިފް އުފަލާ އެކު ފާހަގަކުރެއްވެވިއެވެ.

“ކައުންސިލްގެ ދެ ދައުރު ނިމިގެން ދާއިރު ކައުންސިލްގެ ތެރެއިން އަމިއްލަ ފައިދާ ހިމެނޭ ގޮތަށް ކުރި ކަމެއް ނޯންނާނެ. ހޯދި ގޯއްޗެއް ކުލީ ބިމެއް ނޯންނާނެ. މަސްލަހަތު އޮތް ވިޔަފާރިއެއް ނޯންނާނެ. ނިމިގެންދިޔަ ސަރުކާރަކީ އެމްޑީޕީއާއި އިދިކޮޅު ސަރުކާރަކަށް ވެފައި އެ ސަރުކާރުން ދިޔައީ އަޅުގަނޑުމެން ކުރަމުންދިޔަ ކަންކަން ވަރަށް ބޮޑަށް ބަލައި ފާރަލަމުން. ކުށްވެރިވެދާނެ ފަދަ ކުޑަ ނަމަވެސް ކަމެއް ފެނޭތޯ ބަލަމުން އެފަދަ މާހައުލެއްގައި މަސައްކަތް ކުރި އިރު ކޮރަޕްޝަނުގެ ކުޑަ ނަމަވެސް އަމަލެއް ހިންގުނު ނަމަ އެކަމެއް ސަރުކާރުން ބަލައި ފިޔަވަޅު އަޅާނެ ކަން ޔަގީން. މިއަދާ ހަމައަށް އެފަދަ މައްސަލައެއް ނެތް” ޔަސްރިފް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުގެ ދަށުން ގިނަ ބާރު ތަކަކާއި ގިނަ ޒިންމާ ތަކަކާއެކު ކައުންސިލްގެ ޕްލޭންތައް ހެދި އަދި ރައީސުލް ޖުމުހޫރިއްޔާގެ ވައުދުނާމާގެ ތެރެއިން އައްޑޫ ތަރައްގީ ކުރުމަށް ހެދިފައިވާ ޑިވެލޮޕްމަންޓް ޕްލޭންގައި މަސައްކަތް ކޮށް އެކަންތައްތަކަށް އަހުލުވެރިވެފައިވާ ބަޔަކު އަލަށް ހޮވޭ ކައުންސިލުގައި ކޮންމެވެސް ވަރަކަށް ތިބުމަކީ ޔަސްރިފް ދެކިލައްވަވާ ގޮތުގައި ވަރަށް މުހިއްމު ކަމެކެވެ.

“ވައުދުނާމާގައި ހުރި ގިނަ ޕްރޮގްރާމުތަކުގެ ކޮންސަލްޓެންސީ އާއި ޑިޒައިނިންގ މަސައްކަތްތައް ނިމި އިންޕްލިމެންޓް ކުރާ މަރުހަލާގައި މި ފީލްޑަށް މުޅިން އާ ބަޔަކާއި ހުރިހާ މަސައްކަތް ތަކެއް ހަވާލުވެގެން ދިއުމަކީ އައްޑޫއަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ގަބޫލު ކުރެވެނީ . އެހެންވެ މަގާމަށް އަލުން ކުރިމަތިލާން ނިންމީ. އެ މަސައްކަތް އިމްޕްލިމެންޓް ކުރެވޭއިރު މަސައްކަތުގެ ޕްލޭން ރަނގަޅަށް އެނގޭ އަދި އެކަމުގެ ތެރޭގައި އަމަލީ މަސައްކަތް ކުރި ކޮންމެވެސް ބަޔަކު ތިބެން ޖެހޭކަން ގަބޫލު ކުރެވޭތީ” އިތުރު ދައުރަކަށް ކުރިމަތި ލައްވަވާ ސަބަބާ ބެހޭ ގޮތުން ޔަސްރިފް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ޔަސްރިފް ވާދަކުރައްވަވާއިރު ޔަސްރިފަކީ އެމްޑީޕީދެކެ ލޯބިވާ އެޕާޓީއަށް ފިދާވާ ޕާޓީގެ މެމްބަރެކެވެ. އެމްޑީޕީގެ ކޮންމެ ހަރަކާތެއްގައި އެންމެ އިސްސަފުން އަބަދުވެސް ފެންނަ މޫނެކެވެ. އެމްޑީޕީ އެންމެ ހާލުގައި އޮތް ދުވަސްވަރުވެސް ޕާޓީ ނަގައި ކޮޅަށް ޖެހުމުގައި ހަރަކާތްތެރިވި ޕާޓީ ދެކެ ލޯބިވި މެމްބަރެކެވެ.

ސަރުކާރާއި އިދިކޮޅު ޕާޓީއެއްގެ ކައުންސިލަރުންގެ ގޮތުގައި މަސައްކަތް ކުރެއްވެވި އިރު ދިމާވި ތަފާތު ގިނަ ގޮންޖެހުންތަކާއި އަދި ޕާޓީ ބަދަލުކުރުމަށް އެދި އޭރުގެ އައި ހުށަހެޅުންތަކާއި ޕާޓީ ބަދަލުނުކޮށްފިނަމަ ލިބޭނެ ގެއްލުން ތަކުގެ ވާހަކަތަކާއި ދެއްކި ބިރު ތަކަށް ކެރިގެން ކުރިމަތިލައްވަވައި ކާމިޔާބު ދައުރެއް ޔަސްރިފް ވަނީ ފުރިހަމަ ކުރައްވަވާފައެވެ.

ތައުލީމީ ފެންވަރާއި ލިބިފައިހުރި ތަޖުރިބާއަށް ބަލާއިރު ރަނގަޅު މަތީ މަގާމެއްގެ ވަޒީފާއެއް އައްޑޫއިން ވިޔަސް އަދި ރާއްޖޭގެ ކޮންމެ ދިމާއަކުން ވެސް ލިބެން ޔަސްރިފަށް އެބަ އޮތެވެ. ނަމަވެސް އަމިއްލަ ރަށުގައި ދިރިއުޅެ ރަށް ތަރައްގީވެ ރައްޔިތުން ދުޅަ ހެޔޮ ދިރިއުޅުމެއް އުޅޭތަން ފެނުމަކީ ޔަސްރިފް އެންމެ ބޮޑަށް ދެކެން ބޭނުންވާ ކަމެވެ. “ލާމަރުކަޒީ ރާއްޖެ، ޖަޒީރާ ތަރައްގީގެ ބިންގާ” ގެ ސްލޯގަން އާއެކު ލޯކަލް ކައުންސިލް އިންތިޚާބުގައި ހިތަދޫ މެދެވައު ދާއިރާއަށް އެމްޑީޕީ ޕްރައިމަރީގައި ޔަސްރިފް ވާދަކުރައްވަވަނީ ފާއިތުވި ތަނުގައި ކުރެވިފައިވާ މަސައްކަތް ތަކުގެ ތަޖުރިބާއާއެކު އެއަށް ވުރެ ފުރިހަމަ މަސައްކަތް ތަކެއް ކުރިއަށް އޮތްތަނުގައި ކުރެވޭނެ ކަމުގެ ޔަގީން ކަމާއެކުގައެވެ. ޔަސްރިފުގެ ކެންޑިޑޭޓް ނަމްބަރަކީ 4 އެކެވެ.

1 ކޮމެންޓް
އަޙްމަދު
ޖެނުއަރީ 20, 2020
ކޮން ގޮތަކުން ތަފާތު ދެއްކީ! ޕްރޮމޯޓް ކުރާނެ ކަމެއްނެތް! ވޯޓެއް ނުދެވޭނެ! އެމްޑީއެންގެ މައްސަލާގައި ހުރީ ހަނު ކޮބާތޯ މާނަޔަކީ. އެކަމަށް ތާޢީދު ކުރީތޯ!