English Edition
Dhivehi Edition
އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤު - ފޮޓޯ: މިހާރު

އައްޑޫ ސިޓީ ގަމާއި ރާއްޖޭގެ ދެކުނުގެ އެއާޕޯޓުތަކާއި ގުޅާލުމުން އައްޑޫ ސިޓީ އާއި ދެކުނުގެ އިޤްތިޞާދަށްވެސް ނުހަނު ބޮޑެތި ކުރިއެރުން ލިބޭނެ ކަމަށް، އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞާދިޤު ވިދާޅުވެއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ރަސްމީ ޓްވިޓާ ހޭންޑަލް އިން މިއަދު ކުރި ޓްވީޓެއްގައި ވަނީ އައްޑޫ އާއި ދެކުނުގެ އަތޮޅުތަކާއި ގުޅާލުމުން، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އަށާއި، ޤައުމީ އެއާލައިން، މޯލްޑިވިއަން އަށްވެސް ޝުކުރު އަދާކޮށްފަ އެވެ.

އެ ޓްވީޓްގައި އިތުރަށް ބުނެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އައްޑޫ ސިޓީ ތަރައްޤީވާނެ ކަމަށެވެ.

މޯލްޑިވިއަން އިން ވަނީ އައްޑޫ ސިޓީ އާއި ހުވަދު އަތޮޅާ ދެމެދު ހަފްތާއަކު ހަ ފްލައިޓް ދަތުރުކުރުމަށް ނިންމައި ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ.

އެގޮތުން މޯލްޑިވިއަން އިން ބުނެފައިވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އައްޑޫއާއި ހުވަދު އަތޮޅާ ދެމެދު ދަތުރުތައް ފަށާފައިވާ ކަމަށެވެ. އަދި އައްޑޫއާއި ކޫއްޑޫއާ ދެމެދު ހަފްތާއަކު ތިން ފްލައިން އަދި އައްޑޫއާއި ކާޑެއްދޫއާ ދެމެދު ހަފްތާއަކު ތިން ފްލައިޓް މިހާރު ދަތުރު ކުރާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ދެއަތޮޅު ދެެމެދުގައި ކުރާ ދަތުރުތަކުގައި ފެއާގައި ފެށޭ އަގަކީ، 555 ރުފިޔާ ކަމަށާއި ދެ އަތޮޅު ދެމެދުގައި ހަފްތާއަކު ޖުމްލަ ހަ ދަތުރު ކުރާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުނެއެވެ.

އައްޑޫ ސިޓީ، ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ކޫއްޑޫ އަދި ކާޑެއްދޫ އެއާޕޯޓާ ދެމެދު މީގެ ކުރިން ވެސް މޯލްޑިވިއަން އިން އަންނަނީ ދަތުރު ކުރަމުންނެވެ. ނަމަވެސް މީގެ ކުރިން ޝެޑިއުލްޑް ދަތުރުތަކެއް ކޮށްފައެއް ނުވެއެވެ.

މޯލްޑިވިއަން އިން ގެންދަނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެތެރޭގެ އެހެން މަންޒިލްތަކަށްވެސް ދަތުރުތައް ފެށުމަށް ރާވަމުންނެވެ.