English Edition
Dhivehi Edition
އުއްތަރް ޕްރަދޭޝްގައި ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ މުޒާހަރާތަކުގެ ތެރެއިން - ފޮޓޯ: ދީރަޖް ދަވަން (ހިންދުސްތާން ޓައިމްސް)

މުސްލިމުން އިސްތިސްނާކޮށް އިންޑިއާގެ ރަށްވެހިކަމުގެ ޤާނޫނަށް ގެނައި އިސްލާޙުތަކާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 23 އަށް އަރައިފި އެވެ. އެގޮތުން ހޮނިހިރު ދުވަހު އެކަނިވެސް އުއްތަރް ޕްރަދޭޝްގައި ނުވަ މީހަކު ވަނީ މަރުވެފަ އެވެ.

ފުލުހުންގެ ތަރުޖަމާނު ޕްރަވީން ކުމާރް “އަލްޖަޒީރާ” އަށް ވިދާޅުވީ މުޒާހަރާތަކުގައި އުއްތަރް ޕްރަދޭޝްގައި މިހާތަނަށް 15 މީހުން މަރުވެފައިވާ ކަމަށާއި، މަރުވި މީހުންގެ ތެރޭގައި ގިނައީ ޒުވާނުން ކަމަށެވެ.

ކުމާރް ވިދާޅުވީ އޭގެ ތެރެއިން ބައެއް މީހުން މަރުވެފައި ވަނީ ވަޒަން އެރުމުގެ ސަބަބުން ކަމަށާއި، ނަމަވެސް އެއީ ފުލުހުން ޖެހި ވަޒަންތަކެއް ނޫން ކަމަށެވެ. ކުމާރް ވިދާޅުވީ އެއްވުންތައް ރޫޅާލުމަށް ފުލުހުން ބޭނުންކޮށްފައި ވަނީ ހަމައެކަނި ކަރުނަ ގޭސް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާމްޕޫރް އާއި ސަމްބަލް އަދި މުޒައްފަރްނަގަރް އާއި ބިޖްނޯރްގެ އިތުރުން ކާންޕޫރްގައި ހިނގި މުޒާހަރާތަކުގެ ތެރެއިން އެތައް ވެހިކަލެއްގައި އަލިފާން ރޯކޮށްފައިވާއިރު، ޕޮލިސް ސްޓޭޝަނަކަށްވެސް ހުޅު ޖަހާފައިވާ ކަމަށެވެ.

އިންޑިއާގެ އެންމެ އާބާދީ ބޮޑު އުއްތަރް ޕްރަދޭޝްގައި 204 މިލިއަން މީހުން ދިރިއުޅެމުންދާއިރު، އެ ސްޓޭޓް ކޮންޓްރޯލްކުރަނީ ބޮޑުވަޒީރު ނަރޭންދްރަ މޯދީގެ ބާރަތިޔަ ޖަނާތާ ޕާޓީ (ބީޖޭޕީ) އިންނެވެ.

އެންޓި-ޓެރަރ ޓީމެއް މަގުތަކަށް ނެރެފައިވާއިރު، އެ ސްޓޭޓްގައި އިތުރު 48 ގަޑިއިރަށް އިންޓަނެޓުގެ ޚިދުމަތްތައްވެސް ވަނީ މެދުކަނޑާލައިފަ އެވެ.

މުސްލިމުންގެ އާބާދީ ބޮޑު އެ ސްޓޭޓްގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ހަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި އަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކުވެސް ހިމެނެއެވެ.

ފުލުހުން ބުނާ ގޮތުގައި ހޮނިހިރު ދުވަހު 600 އަށްވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މީގެ އިތުރުން މީސްމީޑިއާގައި ބޭއަދަބީ ޕޯސްޓްތައް ކުރުމުގެ ތުހުމަތުގައި ފަސް މީހުން ހައްޔަރުކޮށްފައިވާއިރު، އެފަދަ 13 މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހެޅިފަ އެވެ.

ފުލުހުން ވަނީ ސެކްޝަން 144 އިއުލާންކޮށްފަ އެވެ. އެ ޤާނޫނުގެ ދަށުން މުޅި ސްޓޭޓްގައިވެސް ހަތަރު މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން ވަނީ މަނާކުރެވިފަ އެވެ. އެ ސްޓޭޓްގެ އިތުރުން އިންޑިއާގެ އެހެން ހިސާބުތަކުގައިވެސް ފެތުރެމުންދާ އެއްވުމުގެ ޙަރަކާތް ހުއްޓުވުމަށްޓަކައި ސެކްޝަން 144 ވަނީ އިއުލާންކޮށްފަ އެވެ.

ހުކުރު ދުވަހުގެ ރޭ އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ އިން ނެރުނު ބަޔާނެއްގައި ވަނީ ހަމަނުޖެހުންތައް އިތުރުވެދާނެފަދަ އެއްވެސް އެއްޗެއް މީޑިއާތަކުން ގެނެސްނުދިނުމަށް އަންގައިފަ އެވެ.

ދަރިވަރުންނާއި ގިނަ އަދަދެއްގެ އަންހެނުން ހިމެނޭހެން، އެތައް ހާސް މީހުންނެއް ދަނީ މިދިޔަ ހަފްތާގައި ރަށްވެހިކަމުގެ ޤާނޫނަށް ގެނައި އިސްލާޙުތަކާއި ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އެމީހުން ބުނާ ގޮތުގައި އެ ޤާނޫނަށް ގެނައި އިސްލާޙުތައް އަނބުރާ ނުގެންދަނީސް މުޒާހަރާތައް ކުރުން ހުއްޓާނުލާނެ ކަމަށެވެ.

ރަށްވެހިކަމުގެ ޤާނޫނަށް ގެނައި އިސްލާޙުގެ ދަށުން ޕާކިސްތާން، އަފްޣާނިސްތާން އަދި ބަންގްލަދޭޝްގައި ދީނީގޮތުން ތަފާތުކުރުން ކުރިމަތިލާން ޖެހިފައިވާ ހިންދޫންނާއި ސިކް، ޕާރްސީން އަދި ބުދިސްޓުންނާއި ޖެއިނުންގެ އިތުރުން ކްރިސްޓިއަނުންނަށް އިންޑިއާގެ ރަށްވެހިކަން ލިބުމަށް ފަސޭހަވެގެންދާނެ އެވެ. ނަމަވެސް އެ އިސްލާޙުގައި މުސްލިމުން ހިމަނާފައެއް ނުވެއެވެ.

އެ ޤާނޫނަށް ގެނައި އިސްލާޙަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި އެ ޤާނޫނަކީ އިންޑިއާގައި ދިރިއުޅޭ 200 މިލިއަން މުސްލިމުން ބާކީކޮށް، އިންޑިއާ އަކީ ހިންދޫ ޤައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ބޮޑުވަޒީރު ނަރޭންދްރަ މޯދީ ކުރައްވާ މަސައްކަތުގެ ތެރެއިން ގެނެސްފައިވާ އިސްލާޙުތަކެއް ކަމަށެވެ. ނަމަވެސް ވެރިކަންކުރާ ބީޖޭޕީ އިން ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

ޓެގު