English Edition
Dhivehi Edition

މޭވާއަކީ ބަރުދަން ލުއިކުރުމަށް ކާން ވަރަށް ރަނގަޅު ކާނާގެ ބާވަތެކެވެ. މޭވާއަކީ އާންމުކޮށް ފޮނި، ގިނަ އަދަދަކަށް ފައިބާ އާއި ވިޓަމިންސް އަދި މިނަރަލްސްވެސް އެކުލެވިގެންވާ އެއްޗެކެވެ. ހުރިހާ މޭވާތަކަކީ ވެސް ނިއުޓްރިޝަނުން ފުރިގެންވާ ދުޅަހެޔޮ އެއްޗެހި ކަމުގައިވިޔަސް، ބައެއް މޭވާތަކަކީ ސަރުބީ ވިރުވުމުގައި އެހީވެދޭ މޭވާތަކެކެވެ.

އެގޮތުން އޮރެންޖަކީ ރަހަ މީރު، ބަރުދަން ލުއިކޮށްދިނުމުގެ އިތުރުން ހަށިގަނޑުގެ ބައްޓަން ރީތިކުރުމުގައިވެސް އެހީތެރިވެދޭ އެއްޗެކެވެ.

އޮރެންޖަކީ ކެލޮރީސް މަދު، ވިޓަމިން ސީ އަދި އެހެނިހެން ނިއުޓްރިއެންޓައް އެކުލެވިގެންވާ މޭވާއެކެވެ. ތިރީގައި މިވަނީ އެއް މެދު ސައިޒުގެ އޮރެންޖެއްގައި ހިމެނޭ މާއްދާތަކެވެ.

ކެލޮރީސް: 50

ޕްރޮޓީން: 0.9 ގްރަމް

ކާބޯހައިޑްރޭޓްސް: 16.2 ގްރާމް

ފައިބާ: 3.4 ގްރާމް

ޕޮޓޭސިއަމް: 238 މިލިގްރާމް

ކެލްސިއަމް: 61 މިލިގްރާމް

ފޮސްފަރަސް: 17 މިލިގްރާމް

ވިޓަމިން ސީ: 63.5 މިލިގްރާމް

މީގެ އިތުރުން އޮރެންޖުގައި ގިނަ އަދަދަކަށް ފެންވެސް ހިމެނެއެވެ. އެގޮތުން އޮރެންޖެއްގެ 87% އަކީ ފެނެވެ. އާންމުކޮށް އަޅުގަނޑުމެންނަށް ހަށިގަނޑަށް ބޭނުންވާ މިންވަރަކަށް ފެން ނުބޮވެއެވެ. އެހެންކަމުން ހަށިގަނޑު ހައިޑްރޭޓްކުރުމަށްޓަކައި އޮރެންޖެއް ކާލުމަކީ ރަނގަޅު ކަމެކެވެ.

އަދި އޮރެންޖުގައި ހިމެނޭ ފައިބާ އަކީ ބޮޑުކަމުދިއުމުގައި ފަސޭހަކޮށްދޭ، ކާގަޑި ދޭތެރޭ ބަނޑު ފުރާދޭ މާއްދާއެކެވެ. ބަރުދަން ލުއިކުރަން ބޭނުންނަމަ، ޤަވާއިދުން ބޮޑުކަމުދިއުމަކީ ވަރަށް މުހިންމު ކަމެކެވެ.

މީގެ އިތުރުން އޮރެންޖުގައި އެންމެ ގިނައިން ހިމެނޭ ނިއުޓްރިއެންޓަކީ ހަމުގެ ސިއްޙަތަށް ރަނގަޅު، ވިޓަމިން ސީ އެވެ. އޮރެންޖަކީ ހަލާކުވެފައިވާ ޓިޝޫތައް މަރާމާތުކޮށް، އަވަހަށް ރަނގަޅުކޮށްދޭ އެއްޗެކެވެ.

2014 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި އޮރެންޖުގައި ހިމެނޭ ވޯޓަރ-ސޮލިއުބަލް ވިޓަމިނަކީ މާބޮޑަށް ފަލަވުން ހުއްޓުވައިދީ، ބަރުދަން ދެމެހެއްޓުމުގައި އެހީވެދޭ މާއްދާއެކެވެ. މީގެ އިތުރުން އެ ވިޓަމިންގެ ސަބަބުން ވަރުބަލިކަން ފިލުވައިދީ، ލޭގައި ހަކުރު ހުންނަ މިންވަރުވެސް ކޮންޓްރޯލްކޮށްދީ، ސަރުބީ ވިރާ މިންވަރު އިތުރުކޮށްދޭ މާއްދާއެކެވެ.

އޮރެންޖަކީ ޤުދުރަތީ މީރު ފޮނިކަމެއްވެސް ހުންނަ މޭވާއެކެވެ. އެހެންކަމުން ފޮނި އެއްޗެއް ކާހިއްވާ ވަގުތަކު، ތައްޔާރީ ކާނާ އާއި ލުއިކާނާ ކެއުމުގެ ބަދަލުގައި އޮރެންޖެއް ކެއުމަކީ ހަށިގަނޑަށް ފައިދާހުރި ކަމެކެވެ.