English Edition
Dhivehi Edition
ފޮޓޯ:އަވަސް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްސަލައިގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ލީޑާރޝިޕުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ އާއި، ޕީޕީއެމްގެ ދެ ނާއިބް ރައީސުން ކަމަށްވާ ގައްސާން މައުމޫނާއި، އަހުމަދު ޝިޔާމް، ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު، ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު އަދި ޕީއެންސީގެ ދެ ނާއިބް ރައީސުން ކަމަށްވާ މުހައްމަދު ސައީދާއި، މުހައްމަދު ނިމާލްގެ އިތުރުން ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފެވެ.

އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން ބޭއްވި މި ބައްދަލުވުމުގެ ތަފްސީލް ރައީސް އޮފީހުންވެސް އަދި އިދިކޮޅު ފަރާތްތަކުންވެސް ހާމަކޮށްފައިނުވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމީންގެ އަދަބު ލުއިކޮށް އެމަނިކުފާނު މިނިވަންކޮށް ދިނުމާއި ގުޅޭ ގޮތުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޖެނުއަރީ މަހުގެ ހަވަނަ ދުވަހުގެ ކުރިން ގޭ ބަންދަށް ބަދަލުކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، ޔާމީން މިނިވަންކުރުމަށް ގޮވާލާއި މާލޭގައި އިދިކޮޅު ފަރާތްތަކުން އަންނަނީ އެއްވުންތައް ބާއްވަމުންނެވެ.